ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާޢަތާ، ފަލަސްޠީނުގެ ބިންތައް ގަދަކަމުން ފޭރިގަނެގެން އުޅޭ ސަޙްޔޫނީ އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ބަދަލުކުރެވެމުންދާ ހަމަލާތައް 4 ދުވަހަށް މެދުކަނޑާލައިފިއެވެ. 

ޤަތަރާއި މިސްރާއި އެމެރިކާގެ އިސްނެގުމުގެ މަތީން، ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، 4 ދުވަހުގެ މުއްދަތައް ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައި ވަނީ، ދެފަރާތުގެ ދެމެދުގައި އަސީރުން ބަދަލުކުރުމުގެ އިތުރުން، އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާއަށް އެތެރެކުރުމުގެ މަގު ފަހިކޮށްދިނުމަށެވެ.

ދެފަރާތުން އެއްބަސްވެފައި ވަނީ:

  • ހަމަލާ ބަދަލުކުރުން 4 ދުވަހަށް މެދުކަނޑައިލުން
  • އެ މުއްދަތުގައި ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ނުހިންގުން
  • ޙަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 50 މީހަކު (އަންހެނުންނާއި ކުޑަކުދިން) މިނިވަންކުރުން
  • އިޒްރޭލުގެ ޖަލުތަކުގައި ނުޙައްޤުން ޙައްޔަރުކޮށްފައިވާ، ފަލަސްތީނު މީހުންގެ ތެރެއިން 150 މީހަކު (އަންހެނުންނާއި ކުޑަކުދިން) މިނިވަން ކުރުން.
  • ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި، ބޭހާއި ތެލުގެ ބާވަތްތައް އެތެރެކުރާން ފުރުސަތު ދިނުން
  • ޙަމާސްއިން މިނިވަންކުރާ ކޮންމެ 10 އަސީރެއްގެ ބަދަލުގައި، ހަމަލާ މެދުކަނޑައިލާ މުއްދަތަށް އެއް ދުވަސް އިތުރުކުރުން.
  • ޙަމާސްއިން މިނިވަންކުރާ ކޮންމެ އަޞީރަކަށް ފަލަސްޠީނުގެ 3 އަޞީރުން މިނިވަންކުރުން

އިޒްރޭލުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައި މިވަނީ، ހަމާސްގެ އަތްދަށުވެފައިވާ އިޒްރޭލް ރައްޔިތުން މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލް ތެރޭގައި ހަލަބޮލިކަން އިތުރުވެފައިވަނިކޮށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި، އިޒްރޭލްގެ ރައްޔިތުންގެ އިތުރުން، ހުޅަނގުގެ ގައުމުތަކާއި، އެމެރިކާބައްރާއި އެފްރިކާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލުން އިންތިހާއަށް ގޮސްފައިވަނިކޮށެވެ. 

އިޒްރޭލުގެ ޖަލުތަކުގައި އެތަކެއް ހާސް ފަލަސްޔީނު ރައްޔިތުން ޙައްޤަކާ ނުލައި ގައިދުކޮށްގެން އުޅޭއިރު، މިނިވަންކުރާން ނިންމާފައިފާ ފަލަސްތީނު މީހުންގެ 300 މީހުންގެ ލިސްޓެއް ޢާންމުކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ، އިޒްރޭލު ސިފައިންނާ ދެކޮޅަށް ހަމަނުޖެހުން ހިންގައި، އިޒްރޭލުގެ އަސްކަރީ އުޅަނދުތަކާއި ސިފައިންނަށް ގާ އުކުމުގެ ކުށުގައި، ހުޅަނގު އައްސޭރިންނާއި އިރުމަތީ ގުދުސްއިން ހައްޔަރުކޮށްފައިވާ 18 އަހަރާއި 18 އަހަރުން ދަށުގެ 287 ފިރިހެން ކުދީންނެވެ. މީގެ އިތުރުން އިޒްރޭލު ސިފައިންނަށް ވަޅިން ހަމަލާދޭން އުޅުނުކަމަށް ބުނެ ހައްޔަރުކޮށްފައިވާ 13 އަންހެނުންވެސް ހިމެނެއެވެ. 

އިޒްރޭލުން ޣައްޒާގެ ޢާންމުންނަށް އަމާޒިކޮށް ދެމުންދިޔަ ބާރުގަދަ، އަނިޔާވެރި ހަމަލާތަކަށް 46 ދުވަސް ވެފައި ވާއިރު، މިހާތަނަށް 15،000އާ ގާތްކުރާ ޢަދަދެއްގެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 6000އަށް ވުރެ ގިނަ ކުޑަކުދީންނާއި، 4000އާ ގާތްކުރާ ޢަދަދަކަށް އަންހެނުން ހިމެނޭކަމަށް ޣައްޒާގެ މުއައްސަސާތަކުން މައުލޫމާތުދެއެވެ. 

އިޒްރޭލުން ޣައްޒާއަށް މެދުނުކެނޑި ކަނޑާއި ވައިގެ މަގުންނާއި އެއްގަމު މަގުން، އެންމެ ޒަމާނީ ބަރު ހަތިޔާރާއިއެކު ދެމުންދާ ޙަމަލާތަކުގައި ޢައްޒާގެ ބޮޑުބައެއް ވަނީ ބިމާ ހަމަކޮށްލައިފައެވެ. އަދި ހަމަލާތަކުގައި ގެއްލުން ލިބުނު ޢިމާރާތްތަކުގެ ޢަދަދު 243،000އަށް އަރާއިރު އޭގެ ތެރޭން 48،000 ޢިމާރާތެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާކުވެފައެވެ. 

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ ޙަމަލާތަކުގައި ޣައްޒާގެ 80 އިންސައްތައަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.