އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ ޙަވާލުކޮށްގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފަށާފައިވާ، "ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ. 

ރައީސް މުޢިއްޒާއެކު ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށް، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ. 

"ބަރަވެލި ސްޕީޑުގައި" އެފްކޮންއިން ކުރިއަށް ގެންދާ އެ މަޝްރޫޢަށް ކުރީގެ ސަރުކާރުން ބޮޑެތި ހޭދަތަކެއްކޮށް، އެއްބަސްވުންވެސް އާކޮށްފައިވާއިރު، އެއްބަސްވުމުގައި ވާގޮތުން މިހާތަނަށް ބްރިޖްގެ 77 އިންސައްތަ މަސައްކަތް ހުންނަންޖެހޭނީ ނިމިފައެވެ. ނަމަވެސް، އާ ސަރުކާރުން ހާމަކުރި ގޮތުގައި މިހާތަނަށް އެ ބްރިޖްގެ ނިމިފައި ވަނީ އެންމެ 27 އިންސައްތަ މަސައްކަތެވެ. 

އާ ސަރުކާރުން ހާމަކުރާ ގޮތުން، ރައީސް އިބްރާހީމް ވަނީ، އެމަނިކުފާނުގެ ރައީސްކަމުގެ އެންމެ ފަހު ދުވަހުވެސް، އެފްކޮންއާއެކު ހަދާފައިވާ ބިޔަބޮޑު ޑީލް އާކުރައްވައި، މުއްދަތު އިތުރުކޮށްދީފައެވެ. މިއީ ރައީސް އިބްރާޙީމަށާއި، އެފްކޮންއަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވިޔަސް، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އިންތިހާ ގެއްލުންބޮޑު އެއްބަސްވުމެއްކަމަށް ފެށުނީއްސުރެން ރައްޔިތުން ދަނީ ގޮވަމުންނެވެ. 

ރައީސް މުއިއްޒު ވަނީ، މާލޭގައި ބްރިޖްގެ މަސައްކަތްކުރާ ސައިޓާއި،  މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތާއި، ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގގެ މަސައްކަތްވެސް ބައްލަވާލައްވައިފައެވެ.