ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި، އަދިވެސް އެ ޕާޓީގެ އަސާސީ ގަވާޢިދާ ޚިލާފު ކަންތަައްތަކެއް ކޮށްފައިވާ ކަމަށްބުނެ، ޕީޕީއެމްގެ އެންމެހާ ޚަރަކާތްތަކުން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު، އަދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޙައްގުގައި މަސައްކަތްކުރައްވަމުން ގެންދަވާ، މުހައްމަދު މަލީހު ޖަމާލު ޕާޓީގެ ޚަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާ އިން ލީޑަޝިޕަށް ލިބިގެންވާ ބާރުގެ ދަށުން، ޕީޕީއެމްގެ ދެ ނައިބު ރައީސުންކަމަށްވާ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެ ޕާޓީގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން، މަލީހު ދަނީ ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. 

ރައީސް ޔާމީންގެ އެންގެވުމަށް ކަމަށް ވިދާޅުވެ، މަލީހުވަނީ އޭނާ ސްވެ ހުންނަވައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެ ޕާޓީން ވަނީ، އެއީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ބައްދަލުވުމެއް ކަމަށް ބުނެފައެވެ.