އާ ސަރުކާރުގެ ކޯލިޝަން ޕާޓުނަރުންގެ މެދުގައި ކޯޅުން ބޮޑުވެ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ އޮފީހެއް މާލޭގައި ހުޅުވައިފިއެވެ.

ޕޯއެންސީގެ އޮފީސް ހުޅުވާފައި ވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައި ޖަގަހައިގެ ގޮތުގައި، ބޭނުންކުރި، ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓްގެ ޢިމާރާތުގެ ތިރީގައެވެ.

އާ އޮފީސް ހުޅުވުމަށްފަހު ޕީއެންސީން ބުނެފައި ވަނީ، އެ އޮފީސް ހުޅުވީ،  އެ ޕާޓީއާ އާ އަލަށް ގުޅޭ މެންބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާ ހުރެ އެކަން ހައްލުކުރުމަށްޓަކައެވެ.

މީގެ ކުރީން ޕީޕީއެމްއާއި ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ މައި އޮފީހުގައެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ފެށުމާއެކު މި ދެޕާޓީ ދުރުވެ، ޚިޔާލުތަފާތުވުން ވަނީ އުފެދިފައެވެ.