އާ ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފުރަތަމަ އޮފީހަށް ނުކުމެ ވަޑައިގެން މަސައްކަތުގެ ޒިންމާތަކާ ހަވާލުވީމ އެމަނިކުފާނު ވިދާޅުވާ ގޮތުން، މިއަދު (ހޯމަ ދުވަސް)އެވެ. އަދި އޮފީހުގެ މަސައްކަތުގައި އުޅުއްވާފައި، މެންދުރު ވަގުތު ކުއްލިއަކަށް އެމަނިކުފާނު ބޭރަށް ނުކުމެވަޑައިގަތީ، އެމަނިކުފާނާ ބައްދަލުކުރުމަށް، ޚާރިޖީ ވުޒާރާ ކައިރިއަށް އެއްވެފައި ތިބި ގިނަ ޢަދަދެއްގެ ޒުވާނުންގެ އަޑު އަހައިލާށެވެ. 

"އަޅުގަނޑު މިއައީ، ހަމަ ތިޔަ ބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހާލަން،" ފަލަސްޠީނުގެ ދިދައާއި، ހަނގުރާމަ ކުށްވެރިކޮށް، އަދި ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، އިޒްރޭލް ބޮއިކޮޓްކުރުމަށާއި، އަދި އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެވުން މަނާކުރުމަށް ގޮވާލަމުން ދިޔަ ރައްޔިތުންނާ މުޚާޠަބުކޮށް ޒަމީރު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އަޑު ގާތުން އަހަން ބޭނުންފުޅު ކަމަށެވެ. އަދި އެތަނަށް އެއްވެ ތިބި  ރައްޔިތުންގެ ޑިމާންޑުތައް އިއްވައި ދިނުމަށެވެ. 

އިޒްރޭލްގެ ޞަޙްޔޫނީ އަނިޔާވެރި ދައުލަތުން ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަމުން ދިޔަ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދުނީ، ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް، އިޒްރޭލާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ. އަދި އިޒްރޭލްގެ ޑިޕްލޮމެޓުންނާއި، އެނޫންވެސް އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް ފަރާތަކަށް އެތެރެނުވެވޭނޭ ގޮތް ހެދުމަށެވެ.

"އަޅުގަނޑުމެން ވާނީ، އިމީޑިއޭޓް ސީޒްފަޔާއެއް ބޭނުންވާ ވާހަކައާއި އަދި ހިއުމަނިޓޭރިއަން އެއިޑް ބޭނުންވާ ވާހަކަ ދަންނަވާފައި ވާނީ،" މިއަދު ވެސް ދެ ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވައި، ފަލަސްތީނުގެ މައްސަލައާ ގުޅިގެން މަޝްވަރާކޮށް، އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެފަރާތްތަކުންވެސް ގޮވާލުމަށް އެދިވަޑައިގެންފައިވާނޭކަން ހާމަކުރައްވަމުން ޒަމީރު ވިދާޅުވިއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ފަލަސްތީނުގެ އެމްބެސެޑަރާ ބައްދަލުކުރައްވަނީ-- ފޮޓޯ: ޚާރިޖިއްޔާ

 

އެއާއެކު، އިހްތިޖާޖުގެ ބައިވެރީން، ހަރުއަޑުން "ސީޒްފަޔާ ނައު" ގޮވަން ފެށިއެވެ. ޚާރިޖީ ވަޒީރު ޒަމީރުވެސް، މައިކް ނަންގަވާފައި، އަޑުފުޅަށް ބާރުލައްވާފައި "ސީޒް ފަޔާ ނައު އިނގޭތޯ އަޅުގަނޑުގެ ސްޓޭންޑަކީ ވެސް،" އެހެން ވިދާޅުވިއެވެ. އަދި އިޙްތިޖާޖުގެ ބައިވެރީންނާއެކު "ސީޒްފަޔާ ނައު، "ސީޒްފަޔާ ނައު، "ސީޒްފަޔާ ނައު،" އޭ ވިދާޅުވެ އިހްތިޖާޖުގައި ބަވެރިވެވަޑައިގަތެވެ. 

ދެން އިހްތިޖާޖުގެ ބައިވެރީން ސުވާލުކުރީ، ރައްޔިތުންގެ މަޖިލީހުން އެކަމާ ގުޅިގެން އެއްވެސް، ސިޓީއެއް ނުވަތަ އެންގުމެއް ޚާރިޖީވުޒާރާއަށް އަންގާފައި ވޭތޯއެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ރައީސަށް ސިޓީއަކުން އެދެން ފާސްކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ކުރީން، އިހްތިޖާޖުގެ ބައިވެރީން، މަޖިލީސްދޮށުގައި ތިއްބައި، މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ އެކަމުގައި މަޖިލީހުން އިޖްރާޢަތްތަކެއް ފުރިހަމަ ކުރާން ޖެހޭ ކަމަށާއި، އެކަމުގައި ގޮތްނިންމާނީ ޚާރިޖީ ވުޒާރާގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީއެވެ. 

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލާ ފޮރިން މިނިސްޓްރީ ދޮރުމަތީގައި ކުރި މުޒާހަރާގައި މިނިސްޓަރު ޒަމީރު -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

 

ނަމަވެސް ޒަމީރު ވިދާޅުވީ އެކަމުގެ އެއްވެސް ޚަބަރެއް އަދި ލިބިވަޑައި ނުގަންނަވާ ކަމަށާއި، މިއަދަކީ އޮފީހަށް ނުކުމެވަޑައިގަތް ފުރަތަމަ ދުވަސްކަމަށެވެ. އަދި ވުޒާރާގެ ބޭފުޅުންނާ ސުވާލުކޮށް އޭގެ ޚަބަރެއް ބައްލަވާނޭ ކަމަށެވެ. 

އިޚްލާސްތެރިކަމާއެކު މިގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތްޕުޅުކުރައްވާ ނަމަ، ކުރިއަށް ވަޑައިގަންނަވާން އޮތް މަގު ސާފުވާނޭކަން ޔަގީނެވެ. ނަމަވެސް މިއީ ފޮޓޯއަކަށް ކުރެއްވި ކަމެއް ކަމަށް ވާނަމަ، މުސްތަގުބަލުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވާނޭކަމީ ޔަގީން ކަމެކެވެ.