ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތަކުގެ އިތުރުން، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާއާއެކު، ޚާރިޖީ ގުޅުމާ ބެހޭ 100އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް އާ ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، "މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތައް ބަލާއިރު އަދި ޔަގީން ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ބައިލެޓްރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއާ އެކު އެކަނި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރީމެންޓްގައި ސޮއިކުރެވިފައި އެބަހުރި،" ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި އަދަދުގެ ތެރޭގައި މި ފާހަގަކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނަ އިނގޭތޯ،" ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީއާއި، ރާއްޖެއަށް ކާޑުގެ ބާވަތްތައް ނުލިބިދާނެތީ، ކުރީގެ ސަރުކާރުން ހާމަކުރަން ދެކޮޅުހެދި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދުވެސް އާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެއީ 77 މީހުންނެވެ.