މީގެ 33 އަހަރު ކުރީން، މާފަންނު، ފަރީދީ މަގާއި އޯކިޑް މަގާއި ފަނޑިޔާރު މަގާއި ފުނަ ގޯޅި ގުޅޭ ހަތަރު އަނގޮޅީގައި ތަރައްގީ ކުރި ގަޑިބުރު އަސްލަކަށް ބަލައިގެން، އެތަނުގައި އަލަށް ހެދި ގަޑިބުރު ހުޅުވައިފިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން، ސްރީ ލަންކާ ސަރުކާރުގެ އެހީގެ ދަށުން، އޭރު ބިނާ ކުރި ގަޑިބުރު ތަޅާލިތާ އެތަކެއް އަހަރު ފަހުން، އަނެއްކާވެސް އެތަނުގައި ގަޑިބުރު ޢިމާރާތްކުރާން ނިންމީ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ފަހުން އެތަން ތަރައްގީކޮށްފައި މިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ) ގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ޕައިނިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް، ވަށައިގެން ލެޑް ޕެނަލްތަކެއް ހަރުކޮށްފައިވާ، ޒަމާނީ ގަޑިބުރު އަލުން ހުޅުއްވައި ދެއްވީ، ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.