މާލެ ސަރަަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ އަތޮޅުގެ ދެކުނުގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މާފަންނު ގަޑިބުރު، މީގެ 33 އަހަރު ކުރީން ހުރި ސިފައަށް، ޒަމާނީ ބަދަލުތަކާއެކު ތަރައްގީކޮށް، ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ 3 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އުންމީދުކުރައްވާ ގޮތުގައި، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެއެވެ. އަދި މީގެ އިތުރުން،  ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އަރބަން ސެންޓަރުތައް ޤާއިމުކުރުމާއެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މީގެ ކުރީން ވަނީ، އުތުރު ތިލަފަޅާއި، ގިރާވަރުފަޅާއި، އަދި ތިލަފުއްޓާއި ގުޅިފަޅާއި، ހުޅުމާލެ ފޭސް3 ތަރައްގީކޮށް، މި ސަރުކާރުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ.