މިއަދު (18 ނޮވެމްބަރު 2023)ން ފެށިގެން،ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. 

ރައީސް އޮފީހުން ވަނީ، މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ އޮފީހުގެ ނަންބަރު 6/2022 (20 ޖޫން 2022) ދެންނެވުމުން ހަމަޖެއްސެވި، ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރަންވީ ގޮތަށް ބައެއް ބަދަލުގެނެސް، އެ އުސޫލު ޢާންމުކޮށްފައެވެ. 

ދިވެހި ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓާނޭކަން ފުރަތަމަ ޢިއުލާނުކުރެއްވީ، ހުކުރު ދުވަހުގެ ހަވީރުގެ މާތް ސާޢަތުގައި، ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ޑރ. މުޢިއްޒު ވިދާޅުވީ، "އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!" ކަމަށެވެ.