އެމަނިކުފާނުގެ ޒަޢާމަތުގައި ދިވެހީންނަށް ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ބަލިކުރެއްވުމަށްފަހު، އަލަށް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، ސަރުކާރުން، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތު ކުރިޔަށްގެންދަވާނެ ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ،މިފެށުނު ރިޔާސީ އާ ދައުރާއެކު ދިވެހިންނަށް ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެ ކަމުގައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ 5 އަހަރު ތެރޭގައި، އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އާ ސަހަރުތައް ބިނާކުރެވިގެންދާނެކަމަށެވެ. އަދި އެކަމުގެ ލިޔެކިޔުމާއި ކުރެހުންތައް ފަދަ މަސައްކަތްތައް މިހާރު ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ޒަޢާމަތުގައި ދިވެހީންގެ ރާއްޖޭގެ ތަރައްގީއަށް މިހާރަށް އެކަށައެޅިފައި ހުރި ބައެއް ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ޤާއިމުކުރެއްވުމާއި، ރާއްޖޭގެ އެހެން ސަރަޙައްދުތައް ޝާމިލުވާހެން ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަޙައްދެއްގައި ތަރައްޤީކުރުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.