ދިވެހިޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާއިރު، ދިވެހި ދައުލަތް ވަނީ، މިއިން ޒަމާނަކު ނުދަރާވަރަށް ދަރުވާލާފައިކަން އެމަނިކުފާނުގެ ފުރަތަމަ ތަގުރީރުގައި ފާހަގަކުރައްވައިފިއެވެ. 

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމުގައެވެ. އަދި، މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ތާރީޚު ދުށް އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ޑރ. މުޢިއްޒު ވިދާޅުވީ، ކަންއެހެން އޮތް ނަމަވެސް ވެރިކަމާ ޙަވާލުވެވަޑައިގަތީ، އިޤްތިޞާދީގޮތުން ރާއްޖެ ވެއްޓިފައިވާ ފުންވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އިތުރުބާރާއެކު ކަމަށެވެ. 

އަދި، މިކަމުން އަރައިގަތުމަށް ހަރުދަނާ، ހަލުވި ފިޔަވަޅުތަކެއް އެމަނިކުފާނުގެ ސަރުކާރުން އަޅުވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިންމައި، ޒަމާނީ އާ ޓަރމިނަލް އަވަހަށް ހުޅުވައި ފަތުރުވެރިކަމަށް އިތުރު މުއްސަނދިކަން ގެނެސްދެއްވުމާއި ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރެއްވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.