މި ފެށުނު ރިޔާސީ ދައުރުގެ މުހިންމު އެއް ސިޔާސަތަކަށް ވާނީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައި ޑރ. މުޢިއްޒު ވިދާޅުވީ، މިއީ އެތައް ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ފެށުނު ދުވަސްކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ޢިލްމާއި ހުނަރާއި އަޚްލާޤާއި ދީން އަދި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުމާއެކު ރާއްޖޭގެ ބިނާވެށްޓަށް އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދެއްވުމަށް ވިދާޅުވިއެވެ. 

ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުން އެދޭފަދަ މުސްތަޤްބަލެއް ބައްޓަންކުރުމަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދެއްވާނޭކަން ފާހަގަކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ މި ވިސްނުމުގެ ތެރެއިން ކަމަށާއި، މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމަކަށް ވެގެންދާނެކަމުގައެވެ.

އަދި އެކަމަށްޓަކައި މެދުރާސްތާއާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅިގެންދާނެކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މުސްތަގުބަލެއް ބައްޓަންކުރުން ކަމަށެވެ.