ޑިމޮކްރަސީން ބަދަލުނުވާންވީ ކަމަކީ، ޑިމޮކްރެސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ދައުލަތުގެ ބާރުތަކުން ކުރާންވީ ކަންކަން ކަމަށާއި، އެކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުން އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ސަރުކާރު ބަލިކޮށް، އަލަށް ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފު ހުވާކުރެއްވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި އަގުބޮޑު ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، ދިވެހި ރައްޔިތުން އެދޭ ކަންތައްތައް ކުރުމަށް ދައުލަތުގެ ބާރުތަކާއެކު ޑރ. މުއިއްޒުގެ ސަރުކާރުންވެސް ފުރިހަމައަށ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އޭނާ ވިދާޅުވީ، "މިއަދަކީ ދިވެހިރާއްޖެއަށް ތާރީޚީ ދުވަހެއް. އެއީ ހަލަބޮލިކަމުން މިންޖުވެ ހަމަޖެހުމުގެ ފަސް އަހަރަށް ފަހު ވެރިކަމުގެ ބާރުތަކުގެ ވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއެކު ބަދަލުވެގެންދާތީ،" ކަމަށެވެ. 

އެގޮތުން "މިއީ ޑިމޮކްރެސީ ފުރިހަވަމެ ފައްކާވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް،"ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެއް ވެރިކަަމަށް ފަހު އަނެއް ވެރިކަން ނިމިގެން އައުމަކީ ޑިމޮކްރެސީގެ ނިޒާމު އޮންނަ ގޮތް ކަމަށާއި، ނަމަވެސް ޑިމޮކްރަސީން ބަދަލުނުވާންވީ ކަމަކީ، ޑިމޮކްރެސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ދައުލަތުގެ ބާރުތަކުން ކުރާންޖެހޭ ކަންތައްތައްކަމަށެވެ.