ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 8 ވަނަ، އަދި ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައިފިއެވެ.

ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި ހާއްސަ ޖަލްސާގައި، ޑރ. މުއިއްޒަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. 4000އަށް ވުރެ ގިނަ، މެހެމާނުން ބައިވެރިވި، ރަސްމިއްޔާތުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

ގިނަ ގައުމުތަކެއްގެ އިސްވެރީންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 119 ބިލިއަން ރުފިޔާގެ ދަރަންޏާއެކު ޤައުމު މިވަނީ މިއިން ޒަމާނަކުވެސްނުވާވަރުގެ ބޮޑު ދަރަނިވެރިކަމެގައި ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު މިއަނދަވަޅުން ސަލާމަތްކޮށް، ފަތުރުވެރިކަމާއި، ޢިމާރާތްކުރުމާއި، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް އެމަނިކުފާނުގެ ޒައާމަތުގައި ކުރައްވާނޭ ކަމަށެވެ. 

އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުން-- ފޮޓޯ: މަޖިލިސް

 

ރާއްޖޭގެ ތަރައްގީ ދެން ކުރިއަށް ގެންދާނީ މެދުރާސްތާގެ އަމާޒުތަކާއި ދުރުރާސްތާގެ އަމާޒުތަކާއެކު، ސަރަހައްދީ ފެންވަރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދެން ދިވެހިރާއްޖޭގެ މުސްތަގުބަލު ބަދަލުވެގެން ދާނީ، ރައްޔިތުން އެދޭގޮތަށް، ކުރިއަށް އޮތް 10 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، ރާއްޖޭގެ 7 ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ތަރައްގީކުރުމާއެކު، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޢިމާރާތްކުރުމާއި، ވަޑާންކުރުމާއި، އާންދަނީއާ ހުނަރު އިތުރުކުރުމަށް ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ތަޢާރަފް ކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ޢިލްމީ ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، އުފެދިގެން އަންނަ ޖީލުތަކަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ޖީލަކަށް ހައްދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.