އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްޓަކައި، މާލެ ސިޓީގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. 

މާލެ ސިޓީގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ 2021ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. މިއަދު އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ "މާލެ ސިޓީގެ މޭޔަރ ކަމުން މިއަދު އަޅުގަނޑު އިސްތިޢުފާ ދީފީމެވެ. މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އަޅުގަނޑަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން!" ކަމަށެވެ.

މީގެ އިތުރުން "އަދި، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަން! މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދިނުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާއެކު، އެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދޭނަން،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ ހުކުރު ދުވަހު ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައެވެ.