އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ "14 ހަފްތާ" ނުވަތަ 100 ދުވަހުގެ ތެރޭގައި، މައިގަނޑު 8 ދާއިރާއަކުން 161 ވަޢުދެއް ފުއްދެވުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެން ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ޑރ. މުޢިއްޒު ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭ "ހަފްތާ 14 މަގުޗާޓް" އިފްތިތާޙްކުރައްވައިފައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ރިޔާސީ ކެމްޕޭންގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ކޮންމެ ވަޢުދެއް ޙާޞިލުވެގެންދާތަން ރައްޔިތުންނަށް ފެނިގެންދާނެކަމަށެވެ. މީގެ އިތުރުން ބަޖެޓާއި ޢާމްދަނީ ހޯދޭ ގޮތާއި އެކީގައި 14 ހަފްތާގެ ޕްލޭންގައި ހިމެނޭ ކަންކަމުގެ އިތުރަށްވެސް ކަންކަން ކުރެވިގެންދާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހުކުރު ދުވަހު ހަވީރު ހުވާކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވުންދާ އިންތިޚާބީ ރައީސް ވިދާޅުވީ، ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމަށާއި ރެއާއި ދުވާލު އެމަނިކުފާނު ކުރައްވާނެ މަސައްކަތަކީ ރައްޔިތުންގެ ލޯތަކަށް ފެންނާނޭ ފަދައިން ނަތީޖާ ނެރެދިނުންކަމަށެވެ.

ހަފްތާ 14 މަގުޗާޓުގެ މައިގަނޑު ދާއިރާތައް:

  • މިނިވަންކަމާއި ސިޔާދަތު
  • އިސްލާމްދީނާއި ޤައުމިއްޔަތު
  • ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީ
  • އިޤްތިޞާދާއި ތިމާވެށި
  • އަންހެނުން، ޒުވާނުން، ފަންނިއްޔަތު އަދި ކުޅިވަރު
  • ޞިއްޙީ ދުޅަހެޔޮކަމާއި އޯގާތެރި މުޖްތަމަޢު
  • ތައުލީމާއި ތަމްރީން
  • ސަރުކާރުގެ ސިޔާސަތާއި ޤާނޫނީ އިޞްލާޙް

މި ހަފްލާގައި ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ޚާއްސަ ފޮތެއް ނެރެދެއްވާފައެވެ. މި އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް ޑރ. މުޢިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނޭ، 900 ސޮފުހާގެ މި ފޮތް ނެރެދެއްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަހީމް ޢަބްދުﷲއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، 5 ސިޓީއަށް ވަޑައިގެން 205 ފަހަރު ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.