އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމު، 2010 އިން 2016 ވަނަ އަހަރާ ހަމައަށް ފުރުއްވި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން، އެގައުމުގެ ދާޚިލީ ވަޒީރުކަމަށް ހަމަޖައްސައިފިއެވެ. 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާނޭ ކަމަށް ބެލެވޭ، މިހާރުގެ ދާޚިލީ ވަޒީރު ސުއެލާ ބްރޭވަރމަން އެމަގާމުން ވަކިކުރުމަށް ފަހު، ބޮޑުވަޒީރު ރިޝީ ސޫނާކް، ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެ މަގާމަށް ހަމަޖެއްސެވީ، އިޒްރޭލުގެ ޒަޔަނިސްޓު ޓެރަރިސްޓުން، ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމުތަކާ ދެކޮޅަށް، އިނގިރޭސިވިލާތުގެ އެތަކެއްހާސް ރައްޔިތުން، އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. 

ޞަޙްޔޫނީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން ގޮވާލައި، އިނގިރޭސިވިލާތުގެ ބޮޑެތި ރަށްތަކުގެ މަގުތައް ފުރި ބާރުވަމުންދާއިރު، ބްރޭވަރމަން ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި އަޑުއުފުލާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނޭކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އެފަދަ އެއްވުންތައް ހުއްޓުވާން އެންގެވިނަމަވެސް، އެގައުމުގެ ފުލުހުން ވަނީ، ސުލްޙަވެރި އެ ހިނގައިލުންތަކަށް ހުރަސް އަޅަން ދެކޮޅުހަދައިފައެވެ. 

ކެމަރަން ވަނީ، އޭނާގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރުގައި، ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރައްވައިފައެވެ. އިޒްރޭލުން ވަނީ، ޣައްޒާއަކީ ބޮޑު ޖަލަކަށް ހަދައިލާފައިވާ ކަމަށާއި، ފަލަސްޠީނާއި އިސްރާޢީލުގެ މައްސަލަ ހައްލުކުރެވޭނީ، މިނިވަން ދެ ދަޢުލަތް ގާއިމުކޮށްގެންކަމަށް ވިދާޅުވެ އޭނާ އޭރު ވަނީ ވަކާލާތުވެއް ކުރައްވައިފައެވެ. 

ނަމަވެސް، ކުރިއާ ޚިލާފަށް، ދާޚިލީކަންކަމުގައި މަސައްކަތްކުރައްވާއިރު، ފަލަސްޠީނުގެ މައްސަލައިގައި ކުރީން ގެންގުޅުއްވި، ސިޔާސަތު މިހާރު ޑޭވިޑް ކެމަރަން ގެންގުޅުއްވައިފާނޭކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކެބިނެޓާ ގުޅިވަޑައިގަތުމަށްފަހު، ޑޭވިޑް ކެމަރަން ވަނީ ބޮޑު ވަޒީރު ރިޝީ ސޫނާކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނޭކަމަށް ވައުދުވެވަޑައިގެންފައެވެ.