ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ދައުރުގެ ރައީސް ކަމުގެ މަޤާމަށް މީގެ ކުރީން ވަޑައިގެންނެވުމުގެ ހުވަފެންފުޅު ދެކެވަޑައިގެންނެވި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންގމޭޓްކަން ކުރެއްވި، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުކޮށްފިއެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެތީ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާދެއްވުމުން، މަޖިލީހުން ވަނީ ރައީސަކު އިންތިޚާބުކުރުމަށް ހޯމަ ދުވަހުގެ ރޭ، މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި، އަސްލަމު އެ މަޤާމަށް އިންތިޚާބުކޮށްފައެވެ. 

މަޖިލީހުގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް އަސްލަމުގެ އިތުރުން، ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވާދަކުރެއްވިއެވެ.  މަޖިލީހުގެ ރައީސްކަމަށް އަސްލަމް އިންތިޚާބުކުރީ، އެ ޖަލްސާގައި ބައިވެރިވި 77 މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން 53 ވޯޓު ހޯއްދަވައިގެންނެވެ. ޢަލީ ޢާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

އަސްލަމަކީ 16 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މެދުކެނޑުމެއް ނެތި، 18 އަހަރު ޚިދުމަތްކުރައްވާފައިވާ، މިހާރު މަޖިލީހުގައި އެންމެ ގިނަދުވަހު މެދުނުކެނޑި ޚިދުމަތްކުރެއްވި މެންބަރެވެ.