އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މައާފްދެއްވައި މިނިވަންކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް މައްޗަށް އިއްވާފައިވަނީ 5 އޮކްޓޫބަރު 2020ގައެވެ. ނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ އަދީބު ގޭބަންދަށް ބަދަލުކޮށްފައެވެ. އަދި ޚިޔާނާތުގެ ކުށް ސާބިތުވެ 31 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޒިޔަތުވެސް ބަންދުގައި ހުންނެވީ ގޭގައެވެ.

ދަޢުރު ނިމެން އެންމެ 3 ދުވަހަށްވެފައިވަނިކޮށް، ދައުލަތަށް މިވަރުގެ ބޮޑު ގެއްލުމެއްދީފައިވާ އަދީބާއި ޒިޔަތު މިނިވަންކުރެއްވުމުން، ރައީސް އިބްރާހީމް ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް އަދަބެއް ދީފައި ނުވާނޭކަމަށް ވިދާޅުވި ވާހަކަފުޅުތައްވެސް މިވަނީ، ހެއްދެވި އިތުރުފުޅެއްކަން ސާބިތުވެފައެވެ. ސަބަބަކީ، އެމަނިކުފާނުގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އެކަނި، ހުކުމަކަށްފަހު ހުކުމެއް، އަދަބަކަށް ފަހު އަދަބެއް ދެމުން ޖަލުގައި 5 އަހަރު ދުވަސް މިދިޔައީ ޒިޔަޒަތާއި އަދީބާ ދެމީހުންގެ ހެކިބަހުން ކަމަށް ވާތީއެވެ. 

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި ބަޔަންކުރަނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުޠަކާއެކު، ކުށް މަޢާފުކޮށްދިނުމުގެ ނުވަތަ އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށެވެ.

ރައީސް އިބްރާހީމްގެ މި އަމަލުފުޅާ ގުޅިގެން އެމަނިކުފާނު މި 5 އަހަރު ދެއްކެވި ވާހަކަފުޅުތަކާއި، ޢަމަލާ އެއްގޮތަކަށްވެސް ދިމާނުވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ރައީސް އިބްރާހީމުގެ މި ނިންމުމުގެ ސަބަބުން، އެމްއެމްޕީއާރުސީގެ މައްސަލައިގައި އެމަނިކުފާނަށް ކުރަމުން ގެންދާ ތުހުމަތުތަކަށްވެސް ބާރު ލިބިދޭ ކަމަށާއި، އެހެންކަމުން، މިކަމުގައި ތަހުގީގެއް ހިންގައި މައްސަލަ ބަލަން ޖެހޭކަމަށް ރައްޔިތުން ދަނީ ގޮވަމުންނެވެ.