ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާއި، ގުޅިގެން ޤައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަކުރާ 55 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމައި ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވަމުން، ޑރ. މުޢިއްޒު ވިދާޅުވީ މިއަދާއި ހަމައަށް ޖުމްހޫރީ ނިޒާމު ރާއްޖެއަށް ގެނައުމުގައި ގިނަ ފަރާތްތަކެއް މަސައްކަތް ކުރެއްވިކަމަށެވެ. 

މިމަހުގެ 17 ވަނަ ދުވަހު، ރައީސް ކަމުގެ ހުވާކުރެއްވުމަށް ތައްޔާރުވެވަޑައިގަންވަމުން ދާ، އިންތިޚާބީ ރައީސް ވަނީ، މިއަދާއި ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށާއި، ކެބިނެޓުގައި މަސައްކަތް ކުރެއްވި އެންމެހާ މިނިސްޓަރުންނާއި، ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ޖުމްހޫރީ ވެރިކަން މި ހާހިސާބަށް ގެނައުމުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ޝުކުރު އަދާކުރައްވާފައެވެ.