ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ އާދައިގެ ކުށްވެރިއެއް ނޫނެވެ. 2 ބިލިއަން ރުފިޔާގެ ޚިޔާނާތެއް ހިންގައި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިނުމުގެ ކުށުގައި ހުކުމްތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނާ އަރައި ހަމަ ކުރި އިންސާފުން ރެކޭން، ގޭބަންދުގައި ހުންނަވައިގެން އިދާރާތަކަށް ފިއްލަވައިގެން، ޓަގްބޯޓެއްގެ ވަތުގައި އޮވެ އިންޑިއާއަށް ދަތުރުކުރެއްވި ބޭފުޅެކެވެ.

ދައުލަތުން ވައްކަން ކުރި ކަމަށް އަދީބު ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. ޖަލަށްލާފައިވާ ދިވެއްސަކަށް ދުވަހަކު ނުލިބޭހާ ލުއި ގޮތްތައް، އެ އެއްބަސްވުމުގެ ދަށުން އަދީބަށް ދައުލަތުން ހަމަޖައްސައިދިނެވެ. 

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް ކުރިޔަސް، ސަރުކާރުން ހަދާލި އެއްބަސްވުމުގެ ދަށުން އޭނާ އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ މިހާތަނަށް ގޭބަންދުގައެވެ. އަމީން އެވެނިއުގެ ލަގްޒަރީ އެޕާޓްމެންޓެއްގައެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ލިބޭ އެހެން މީހުންނާ ދެކޮޅަށް ހެކިބަަސް ދިނުމެވެ.

ޖަލަށް ހުކުމްކޮށްފައި ތިބި އެހެން ދިވެހީން ބޭސްފަރުވާއަށް މާފުށިން މާލެއަށް ދެވެނީވެސް އެހާ ތުރާލުންނެވެ. އެކަމަކު، އަދީބު އެ ހުންނެވީ އެ އެއްބަސްވުމުގެ ދަށުން ލިބޭ ލުއިތަކާއެކު، ކަރެކްޝަންސްގެ ހުއްދައާއެކު ބޭސްފަރުވާއަށް ސިންގަޕޫރުގައެވެ.

ފުރަތަމަ އޭނާއަށް ދިން މުއްދަތު އޭނާގެ އެދުމުގެ މަތިން އެއްފަހަރު އިތުރުކޮށްފައިވާއިރު، މިހާރު އޮތް ގޮތުން އޭނާ އަނބުރާ ރާއްޖެއަށް އަންނަން ޖެހެނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އަދީބުގެ ސިއްހީ ހާލަތުކުއްލިއަކަށް ވަރަށް ގޯސްވެ، އެމަނިކުފާނުގެ ބޭސްފަރުވާއަށް ސިންގަޕޫރަށް އެ ވަޑައިގަތީ ރާއްޖޭގައި ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެ، ކެމްޕެއިން ކުރަމުންދާ ދުވަސްވަރެއްގައެވެ. ރިޔާސީ އިންތިހާބަށް އޮތީ ވެސް މަހަކަށް ވުރެ މަދު ދުވަސްކޮޅެކެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމާއި، ތަންފީޒީ ދާއިރާތަކުގެ ކަންކަން އެތުރިފައިވާ ގޮތާއި، ސަރުކާރުތަކުން އަމަލުތައް ކުރަމުންދާގޮތަށް ބަލާއިރު، މި އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން އަދީބަށް ލިބިފައި ހުރި ހުރިހާ ލުޔެއް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އެއްބަސްވުން އުވާލައި އަލުން ގޮޅިއަށް ފޮނުވާލާނެ ފަދަ ސަރުކާރެއް ވެސް އަތުވެދާނެއެވެ. އެހެން ސަރުކާރެއްގައި އޭނާއާ މެދު މާ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅެފާނެއެވެ.

މިއީ މިހާރު އަދީބު ރާއްޖެއިން ބޭރުގައި ހުންނަވައިގެން، އެކަމާ މެދު ވިސްނައި ފިކުރުފުޅު ނުކުރައްވާނޭ ކަމެއް ހެއްޔެވެ؟ އިންތިޚާބަށް އޭނާގެ މަސްލަހަތަށް އެންމެ ރަނގަޅީ ކޮން ގޮތެއް ކަމެއް ބަލައި ހިސާބު ނުޖައްސަވާނެ ހެއްޔެވެ؟ 

ކުރިން ވެސް ޝަރީއަތަށް ފިއްލެވި ބޭފުޅަކު ދެވަނަ ފަހަރަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، ކަރެކްޝަނުން ބުނާ ގޮތުގައި އޭނާ ބޭރަށް ފޮނުވީ ގެނެވޭނެކަން ޔަގީންވާ ގޮތަކަށެވެ. ކަރެކްޝަނުން މީގެ ކުރިން މީޑިއާގައި ބުނެފައިވާ ގޮތުގައި އަދީބު ބޭރަށް ފޮނުވީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުންނެވެ. އަދި އޭނާއާއެކު ކަރެކްޝަންގެ އޮފިސަރުން ވެސް ދާނެ ކަމަށް ބުނެފައިވެއެވެ. 

އޭނާ އިސްވެ އުފެއްދި ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއިން މި ރިޔާސީ އިންތިހާބުގައި ވަކި ބަޔަކަށް ތާއީދު ކުރާކަން އިއުލާނެއް ނުކުރެއެވެ. އެކަމަކު، އެ ޕާޓީ ވެސް މިހާރު ހަރަކާތްތެރިވާން ފަށައިފިއެވެ. އަންގާރަ ދުވަހުގެ ރޭ އަލިކިލޭގެފާނު މަގުގައި ޕާޓީގެ އޮފީހެއް ވެސް ހުޅުވައިފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީގެ ސްޓޭންޑް ވެސް އެނގިގެންދާނެ ކަމަށް ބެލެވެއެވެ.